އިސްލާމްދީނަށް ކުރި ފުރައްސާރަތައް ލަމީން ޔަމާލް ކުށްވެރިކޮށްފި

ސްޕެއިން އާއި މިޞްރު ބައްދަލުކުރި އެކުވެރިކަމުގެ މެޗުގައި، މިޞްރުގެ ޓީމަށް އަމާޒުކޮށް އިސްލާމްދީނަށް ކުރި ފުރައްސާރަ ސްޕެއިންގެ ތަރި ލަމީން ޔަމާލް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ބާސެލޯނާގެ ސްޓޭޑިއަމްގައި އަންގާރަ ދުވަހު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔަ ”އިސްލާމްފޯބިކް“ އަދި ނަސްލީ ގޮވާލުންތަކުގެ މައްސަލަ ސްޕެއިންގެ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މެޗުގެ ހާފް-ޓައިމްގައާއި ދެވަނަ ހާފްގެ ކުރީކޮޅު، މިފަދަ ކަންކަން ހުއްޓާލުމަށް އިންޒާރުދީ ސްޓޭޑިއަމްގެ ސްކްރީނުން މެސެޖުތައް ދެއްކުމުންވެސް ބައެއް ސަޕޯޓަރުން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

އުމުރުން 18 އަހަރުގެ ލަމީން ޔަމާލް އޭނާގެ އިންސްޓަގްރާމްގައި ބުނީ، އެ ގޮވާލުންތަކަކީ ސީދާ އޭނާއަށް އަމާޒުކޮށް ކުރި ކަމެއް ނޫން ނަމަވެސް، މުސްލިމަކަށް ވީތީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

”ދީނަކީ މީހުންނަށް މަލާމާތްކުރުމަށް ބޭނުންކުރާ ހަތިޔާރަކަށް ހެދުމަކީ ޖާހިލު އަދި ނަސްލީ ތަފާތުކުރުން ގެންގުޅޭ މީހުން ކުރާ ކަމެއް. ފުޓްބޯޅައަކީ އުފާވެރިކަމާއި ސަޕޯޓްދިނުމަށް އޮތް ކުޅިވަރެއް. މީހެއްގެ ނަސްލަކަށް ނުވަތަ އެމީހަކު ގަބޫލުކުރާ ދީނަކަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،“ 2024 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރުމުގައި ސްޕެއިންއަށް މުހިންމު ދައުރެއް އަދާކުރި ޔަމާލް ބުންޏެވެ.

މި މައްސަލައިގައި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުންވެސް ވަނީ މުސްލިމުންނާ ދެކޮޅަށް ގޮވި ގޮވުންތައް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. 0-0 އިން ދެ ޓީމު އެއްވަރުވި މި މެޗަކީ ޔަމާލް ސްޕެއިންގެ ގައުމީ ޓީމަށް ކުޅެދިން 26 ވަނަ މެޗެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top