ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުގެ ފައިނަލްގެ ފުރަތަމަ ޖާގަ ބަންގްލަދޭޝް ހޯދައިފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝް ފައިނަލުން ޖާގަ ހޯދާފައިވަނީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ނޭޕާލް 1-0 އަކުން ބަލިކޮށްގެންނެވެ.
ގަލޮޅު ދަނޑުގައި އިއްޔެ ކުޅުނު މި މެޗުގެ ހަމަ އެކަނި ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ބަންގްލަދޭޝްއަށް ކާމިޔާބުކޮށްދިނީ އެމްޑީ މަނިކެވެ. މަނިކް މިލަނޑު ޖަހައިދިނީ ފާޕޯސްޓަށް ނަގައިދިން ކޯނަރު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ބަންގްލަދޭޝްގެ ލަނޑާއެކު އެ ޓީމުން ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށް ނޭޕާލްގެ ގޯލަށް ނުރައްކާ ކުރަން ފެށާފައެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ މެދުތެރެއަށް ކުޅެމުންދިޔަ ނަޒްމުލް ހުދާ ފޭސަލްއަށްވެސް ވަނީ އިތުރު ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އަރިމަތިން އެމްޑީ މަނިކް ނަގައިދިން ހުރަސް މުޅިން ހުސްކޮށް އޭރިއާތެރެއަށް ވަދެ ނަޒަމުލް ބޮލުން ފޮނުވާލި ބޯޅައަށް ނޭޕާލްގެ ގޯލްކީޕަރު ޕެމްބާ ވަނީ ދިފާއުކޮށްފައެވެ.
ދެވަނަ ހާފްގެ ކުޅުން 2 ޓީމުންވެސް ފެށީ ފުރަތަމަ ހާފްގެ ކުޅުން ނިންމާލިގޮތަށެވެ. އެހެންނަމަވެސް ދެވަނަ ހާފް ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓާ ގިނަ އެޓޭކްތައް ތަނަވަސްކުރެވޭތޯ މަސައްކަތް ކުރަމުންދިޔައީ ނޭޕާލްއިންނެވެ.
ދެވަނަ ހާފްގެ އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީވެސް ނޭޕާލް ޓީމުންނެވެ. މެޗުގެ 60 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ އަރިމަތި ރޮނގު ކައިރިން ލިބުނު ހިލޭޖެހުން ސުބާޝް ފޮނުވާލުމުން ދިޔައީ މަތީ ދަނޑި ކައިރިން ބޭރަށެވެ.

