އަމިއްލަ ގައުމުގައި ކުޅުމާ އެއްފަދަ: ބަންގްލަދޭޝް ޓީމު

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްއިން ދައްކަމުންދާ މޮޅު ކުޅުމާއި، އެ ޓީމަށް ލިބެމުންދާ ވަރުގަދަ ސަޕޯޓާއެކު، މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެ ޓީމުން ކަށަވަރުކޮށްފިއެވެ.

ބުދަ ދުވަހު ކުޅުނު ފުރަތަމަ ސެމީ ފައިނަލުގައި ނޭޕާލްގެ މައްޗަށް 1-0 އިން ކުރިހޯދައި ބަންގްލަދޭޝް ފައިނަލަށް ދަތުރުކުރިއިރު، މިއީ ސާފްގެ ޒުވާން މުބާރާތްތަކުގައި އެ ޓީމުން ޖެހިޖެހިގެން ފައިނަލަށް ދަތުރުކުރި ތިންވަނަ ފަހަރެވެ. ބަންގްލަދޭޝްއަކީ އެންމެ ފަހުން ބޭއްވި 20 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަން ޓީމެވެ.

މި މުބާރާތުގައި ބަންގްލަދޭޝް ކުޅުނު ކޮންމެ މެޗެއްގައިވެސް އެ ގައުމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެފައިވެއެވެ. އިންޑިއާއާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖް މެޗަށް 3,932 ސަޕޯޓަރުން ވަދެފައިވާއިރު، ނޭޕާލާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗަށް 3,910 ސަޕޯޓަރުން ވަނީ ވަދެފައެވެ. މިއީ މުބާރާތުގައި ބާއްވާ ގައުމު، ދިވެހިރާއްޖޭގެ މެޗުތަކަށް ވަތް ސަޕޯޓަރުންނަށްވުރެވެސް ބޮޑު އަދަދެކެވެ. ރާއްޖޭގެ މެޗަކަށް އެންމެ ގިނައިން ވަދެފައިވަނީ 3,863 ސަޕޯޓަރުންނެވެ.

ގްރޫޕް ސްޓޭޖުގައި ރަތް ކާޑެއް ލިބުމުގެ ސަބަބުން ބަންގްލަދޭޝްގެ ހެޑް ކޯޗު މަރުފުލް ސަސްޕެންޝަނުގައި ހުރުމުން، ސެމީ ފައިނަލުގައި ޓީމަށް އިރުޝާދު ދިނީ އެސިސްޓަންޓް ކޯޗު އަތީގުއްރަހުމާން އެވެ. މެޗަށްފަހު ވާހަކަދައްކަމުން އޭނާ ބުނީ ސަޕޯޓަރުންގެ ފަރާތުން ފެންނަ ޖޯޝުގެ ސަބަބުން ޓީމަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށެވެ.

”ސަޕޯޓަރުންގެ ފަރާތުން މި ފެންނަ ތަރުހީބާ މެދު އަހަރެމެން ވަރަށް އުފާވޭ އަދި ފަޚުރުވެރިވޭ. މިއީ ހަމަ އަސްލަށްވެސް އަމިއްލަ ގައުމުގައި، އަމިއްލަ ދަނޑުގައި ކުޅޭ ފަދަ އިހުސާސެއް ކުރެވޭ ކަމެއް،“ އަތީގުއްރަހުމާން ބުންޏެވެ.

އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި ޓީމުގެ މިހާރުގެ އަމާޒަކީ ތަށި ދިފާއުކުރުމެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 20:30 ގައެވެ. ފައިނަލުގައި ބަންގްލަދޭޝް ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top